ގއ. ވިލިނގިލީގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ގއ. ވިލިނގިލި، ސޯސަންވިލާ / ވިކާޝް އަހުމަދު (26އ.) އެވެ.
އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ އިތުރު ފަރުވާ ދިނުމަށް، މިދިޔަ އަންގާރަ ދުވަހު ވިކާޝް ވަނީ މާލެ ވެސް ގެނެސްފައެވެ. ނަމަވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މިއަދު ވަނީ ނިޔާވެފައެވެ. އަދި މިއަދުގެ މެންދުރު ނަމާދަށްފަހު އޭނާ ވަނީ ވަޅުލާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ، ވިކާޝް އެކްސިޑެންޓްވީ ގެއެއްގެ ފާރުގައި އޭނާ ދުއްވި ސައިކަލުން ޖެހިގެން ކަމަށެވެ. އަދި އޭނާ ވެއްޓިފައި އޮއްވާ ފެނުނީ ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް، އެ ރޭ މެންދަމު 1:30 ހާއިރު ކަމަށް ވެސް އޮފިޝަލް ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އޭނާއަށް މި ފަހުން ވަނީ ފިޓް ޖެހުމުގެ މައްސަލަ ދިމާވާން ފަށައިފައެވެ. އަދި އެކްސިޑެންޓް ހިނގީ ވެސް ފިޓްޖެހިގެން ކަމަށް ލަފާ ކުރެވޭ ކަމަށް އެ ރަށުން ބައެއް މީހުން ބުނެފައިވެއެވެ.




