ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާ އިން، ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ވަރަށް ބޮޑަށް ސާފުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެ ޖަލްސާއަށް އާންމުކޮށް ދައުވަތު ދިނުމުގެ ހަރަކާތެއް ފެށުމަށް ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ރަސްމިއްޔާތަށްފަހު، މީޑިއާތަކާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޖަލްސާއަށް ސަޕޯޓަރުން ދާނީ މިހާތަނަށް ރައީސް ކުރައްވާފައިވާ މަސައްކަތްޕުޅުތައް ބަލައިގަނެ، އެކަަމަށް ތާއީދު ކުރާތީ ކަމަށެވެ.
”ދިވެހިރާއްޖޭގެ ތާރީހުގައި ޕްރައިވެޓް ސެކްޓާއާ އެންމެ ގިނަ މަޝްރޫއުތައް އެއް ދުވަހެއްގައި ހަވާލުކުރީ މި ވެރިކަމުގައި އިއްޔެ ނޫން އޭގެ ކުރީ ދުވަހު. އެހެންވީމާ ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގި އޮޅުންފިޅުވާކަށް ނޫން. ރައްޔިތުން އެ އަންނަނީ އެ މީހުންނަށް މި ވާނުވާ އެނގޭތީ ކަން ހިނގާ މަގު އެނގޭތީ މި ވެރިކަން ދާ މިސްރާބު ރަނގަޅު ކަމަށް ގަބޫލު ކުރެވޭތީ އާ އުންމީދަކާއި އާ ރޫހަކާއި އާ ދިރުމަކާ އެކީގައި އާ މުސްތަގުބަލަކަށް އުންމީދު ކޮށްގެން،“ އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވާ ތަރައްގީއާ ހަމައަށް ޕީއެންސީގެ ސަރުކާރުގައި ރައީސް މުއިއްޒާ އެކު ހާސިލްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ޖަލްސާ އޮންނާނީ މި މަހުގެ 14ވާ ހުކުރު ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗުގައެވެ.




