ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާކަމަށް ތުހުމަތުކޮށް ފެތުރެމުންދާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ 206 މަޝްރޫއުއެއް 53 އަމިއްލަ ކުންފުންޏަކާ ހަވާލު ކޮށްފައެވެ. މިއާއެކު ސަރުކާރުގެ އިސް ބޭފުޅުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ބީއެމްއެލްގެ އުސޫލުން ބޭރުން ފައިސާ ދިނުމަށް މަގުފަހިކުރުވި ކަމަށް ބުނެ، ވާހަކަތަކެއް ދަނީ ފެތުރެމުންނެވެ.
މިކަމާ ގުޅިގެން ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ މިނިވަންކަމާއެކުގައި ކަމަށާއި މިކަން ބޭންކުން ހިފަހައްޓަމުންދާ ކޯޕަރޭޓް ގަވަނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން ހާމަވާނެ ކަމަށެވެ.
އެގޮތުން ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައި ވަނީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑާޑްތަކުގެ އިތުރުން ބާސެލް III އަދި IFRS 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑާޑްތަކަށް ކަމަށް ބޭންކުން ބުންޏެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ އޮޑިޓް ފާމްތައް ދަނީ ގަވައިދުން ބޭންކު އޮޑިޓްކުރަމުން ކަމަށާއި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވޭ ކަމަށް ވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.




