ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލާގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މިދިޔަ އޮކްޓޯބަރު މަހުގެ 29 ގައި ވަކިކުރި މަހުމޫދު ރިޔާޒުގެ ވަޒީފާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ އިޔާދަ ކުރެއްވުމާއެކު، އޭނާ އަލުން އޮފީހަށް ނުކުންނަވަން މިއަދު ފައްޓަވައިފިއެވެ.
ރިޔާޒުގެ މަގާމު އިޔާދަ ކުރައްވަން ރައީސް މުޢިއްޒު ރޭ ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެމަނިކުފާނަށް އެ ގޮތަށް ލަފާއަރުވަން މިދިޔަ ބުރާސްފަތި ދުވަހު ނިންމެވުމާ ގުޅިގެންނެވެ.
އެނގިފައިވާ ގޮތުގައި ރިޔާޒްގެ މަގާމު އިޔާދަކުރައްވަން ރައީސް ރޭގައި ނިންމެވުމާއެކު މިއަދު އޭނާވަނީ އަލުން އޮފީހަށް ނުކުންނަވަން ފައްޓަވާފައެވެ.
ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަަލައިގައި ބައިވެރިވުން އޮތް ކަމަށް ކޮށްފައިވާ ތުހުމަތާ ގުޅިގެން ރިޔާޒްގެ އިތުރުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުކަމުގެ މަގާމުން އެއިރު ވަކިކުރީ ޢަބްދުﷲ ވަހީދެވެ. މި ދެ ބޭފުޅުންނަކީ ވެސް ކަސްޓަމްސް ގައި 32 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.
އެގޮތުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އަބްދުﷲ ވަހީދު އައްޔަންކުރީ ޖަނަވަރީ 3، 2024 ގައެވެ. މަހުމޫދު ރިޔާޒް އެ މަގާމަށް އައްޔަންކުރީ 2020 ވަނަ އަހަރެވެ.
ވަޒީފާއިން އެއިރު ވަކިކުރުމާ ގުޅިގެން ރިޔާޒު ކަސްޓަމްސްގެ ކޮމިއުނިޓީ ގުރޫޕަށް ފޮނުއްވި މެސެޖެެއްގައި ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ.
”މާތްالله ގަންދީ ހުވާކޮށްފައި ބުނަން ގޯސް ކަމެއްގައި ބައިވެރިވެފައެއް ނުވާނެ. އަދި، ނުވެސް ވާނަން“ ރިޔާޒް ވިދާޅުވެފައިވެއެވެ.



