އައްޑޫ ސިޓީ ފޭދޫ ”އިސްރަށްވެހިންގެ ހިޔާވަހި“ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް ލިޓަސް އޮޓޯމޮބައިލްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް ފަހުމުނާމާގައި ވަނީ ސޮއިކޮށްފައެވެ.
ރާއްޖޭގެ 3 ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭ އޭޖްޑް ސެއަރ ސެންޓަރު ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވެވަޑައިގަންނަވާފައިވާ ވަޢުދުފުޅެކެވެ.
މި މަރުކަޒުތަކުގެ މައިގަނޑު މަޤުޞަދަކީ ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ އިސްރަށްވެހިންނަށް ބޭނުންވާ ފެންވަރު ރަނގަޅު ޚިދުމަތްތަކާއެކު އެފަރާތްތަކަށް ޚާއްސަ ކުރެވިގެން އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު އުމުރުގެ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާޙައުލެއް ޤާއިމުކުރުމެވެ.




