ސަރުކާރުގައި ގިނަ ދުވަސްތަކަކަށް ހިދުމަތް ކުރައްވާފައިވާ ހ. ނޫކުރިކީލަ އަހުމަދު ރިޒާ (ކުރިކީލަ ރިޒާ) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރިޒާ އަވަހާރަވީއިރު އުމުރުފުޅުން 82 އަހަރެވެ. އޭނާ އަވަހާރަވީ މިއަދުގެ ވަގުތެއްގައި މެލޭޝިއާގައެވެ.
ރައީސް މުޢިއްޒު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަރުޢީ ދާއިރާ، އަދި ސަރުކާރުގައި ގިނަ ދުވަސްތަކަކު ޚިދުމަތް ކުރައްވާފައިވާ، އަދި އިޖްތިމާޢީ ކަންކަމުގައިވެސް އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ހ. ނޫކުރިކީލަ އަޙްމަދު ރިޒާ (ކުރިކީލަ ރިޒާ) އަވަހާރަވުމުގެ ހިތާމައިގާ އެ އާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
”މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލައްވާށި. އާމީން“ ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
ރިޒާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު އާރާ ދަމަންސަރާ / މެލޭޝިއާ ގައެވެ. އަދި އޭނާގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދުގެ ޢަޞްރު ނަމާދަށްފަހު ފުރްޤާން މިސްކިތުގައެވެ.



