އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، އިސްލާމިކް މިނިސްޓްރީ ގުޅިގެން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި އިމާމުންނަށް އަމާޒުކޮށްގެން ބާއްވާ ’ފަތުވާ މަހާސިންތާ‘ ގެ ދެވަނަ މަހާސިންތާ މިރޭ ފަށަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަހާސިންތާ ކުރިއަށް ގެންދަނީ ޕެނަލް ޑިސްކަޝަންތަކެއް ހިމެނޭހެންން ކަމަށެވެ.
”މި ޕެނަލް ޑިސްކަޝަންތަކުގައި ދިވެހިރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ދީނީ ޢިލްމުވެރިން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައި“ މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަހާސިންތާގެ މަޤްސަދަކީ ދިވެހިރާއްޖޭގައި ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި އިސްލާމްދީނުގެ މަތިވެރިވި ދަންމަރު ފެތުރުމަށް މަސައްކަތްކުރައްވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
އަދި ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލުތަފާތުވާ މައްސަލަތައްދެނެގަތުމާއި، މުޖުތަމަޢުގެ މަސްލަޙަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ޚިޔާލު ހޯދާ މަޝްވަރާކުރުމާއި، މިކަންކަމުގައި ގުޅުންހުރި ފަރާތްތައް އެކުގައި މަސައްކަތްކޮށް މުޖުތަމަޢު އިޞްލާޙު ކުރުމުގައި ރޭވުންތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތައް ދެނެގަތުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
2024 ވަނަ އަހަރު ބޭއްވުނު ފަތުވާ މަހާސިންތާގައިވެސް މުހިއްމު ކަންކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްފައެވެ.



