މިއަހަރުގެ ތެރޭގައި އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި މިއަހަރުގެ 3 ވަނަ ކުއާޓަރ ނިމުނުއިރު އެ ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރައެވެ.
އެގޮތުން ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރު ތެރޭގައި 6.5 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. މުޅިއަކު ހަ ދާއިރާއަކުން ލޯނު ދޫކޮށްފައިވާއިރު، އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. އެ ދާއިރާއަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާއަށް 8.71 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ.
ދެން އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ އަމިއްލަ ފަރުދުންނަށެވެ. އެއީ 5.34 ބިލިއަން ރުފިޔާގެ ލޯނެވެ. ކޮންސްޓްރަކްޝަންއާއި ހައުސިންގެ ދާއިރާއަށ1 ބީއެމްއެލްއިން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް 5.09 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.
ދަތުރުފަތުރާއި ކޮމިއުނިކޭޝަންގެ ދާއިރާއިން 2.40 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު އެކި ވިޔަފާރިތަކަށް 1.04 ބިލިއަން ރުފިޔާގެ ލޯނު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ ދޫކޮށްފައެވެ.
މި ދާއިރާތަކުގެ އިތުރަށް އެހެނިހެން ދާއިރާތަކަށް 1.11 ބިލިއަން ރުފިޔާވެސް ދޫކޮށްފައިވާކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.




