ދިވެހިރާއްޖެއާއި ސައުދީ އަރަބިއާއާ ދެމެދު ޙައްޖުގެ ޚިދުމަތާބެހޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ސައުދީ އަރަބިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޙައްޖާއި ޢުމްރާއާ ބެހޭ މިނިސްޓަރ ޑރ. ތައުފީޤު ބިން ފައުޒާނު އައްރަބީޢާއެވެ.
މި އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ ކުރިއަށް އޮތް ޙައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތަކެވެ.
މިގޮތުން ޙައްޖުގެ ހިދުމަތަށް ފައިސާދައްކާނެ ގޮތާއި، ދިވެހިރާއްޖެއިން ޙައްޖުގެ ހިދުމަތްދޭ ކުންފުނިން ހިދުމަތް ދޭންޖެހޭނެ ގޮތާއި ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ޙައްޖު މޫސުމުގައި ރާއްޖޭގެ ޙައްޖު މިޝަން ޤާއިމު ކުރުންފަދަ މުހިންމު ކަންކަމެވެ.
މި އެއްބަސްވުމަކީ ކޮންމެ އަހަރަކުވެސް ރާއްޖެއާއި ސައުދީއާ ދެމެދު ސޮއިކުރާ އެއްބަސްވުމެކެވެ.
މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝަހީމް ވަނީ، ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ޙައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށްވެސް ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ޙައްލު ކުރެއްވުމަށް ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާއިން އަބަދުވެސް ދެއްވާ އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވައިދެއްވާ، ދިވެހި ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ހޯދައިދެއްވިކަމަށްޓަކައި މިނިސްޓަރ ޝަހީމް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސައުދީ ރަސްގެފާނާއި، ވަލީއަޙްދު އަދި ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.



