ގދ. ގައްދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.
އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް ސޮއި ކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.
އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ރިޓަޔާޑް އަހްމަދު ސައުދީއެވެ.
މި މަޝްރޫއުގެ ދަށުން 30 އެނދުގެ ދެ ބުރީގެ ހޮސްޕިޓަލް އިމާރާތަކާއި ސާވިސް ބިލްޑިންއަކާއެކު ދެ ބުރީގެ އެކަމަޑޭޝަން ބްލޮކެއް އިމާރާތް ކުރާނެއެވެ. އަދި އައިސޮލޭޝަން ފެސިލިޓީއާއި ފްލޫ ކްލިނިކްގެ އިތުރުން އެކްސްރޭގެ ހިދުމަތްތައް ގާއިމުކުރާނެއެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 600 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
އަދި މި މަޝްރޫއުގެ އަގަކީ 101.7 މިލިއަން ރުފިޔާއެވެ.



