ޤައުމީ ޞިއްޙީ ލެބޯރޓަރީގެ ފިސިބިލިޓީ ސްޓަޑީ ހެދުމާއި ޢިމާރާތް ޑިޒައިންކޮށް ކޮންސްޓްރަކްޝަން ސުޕަވައިޒް ކުރުމަށް ޖަރުމަނުގެ ކުންފުންޏެއްކަމަށްވާ ޖައިޓެކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲއެވެ. އަދި ޖައިޓެކް ކޮންސަލްޓިންގ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ހެލްތު އެންޑް ސޯޝަލް އިންފްރާސްޓްރަކްޗަރ، ކްރިސްޓިއަން ޖެމިނޮންއެވެ.
މި މަސައްކަތުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު ޑިޒައިނިން މަސައްކަތް 145ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 1،230،160.64 ޑޮލަރު ނުވަތަ 18.9 މިލިޔަން ރުފިޔާއަށެވެ.
މި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު އެހެން ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިގޮތުން ޤައުމީ ލެބޯޓަރީގެ މަސައްކަތް ބަޔަކާއި ހަވާލުވުމަކީ އެކަމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.




