ގިނަ އަދަދެއްގެ ރޮހިންޔާ ރެފިއުޖީންތަކެއް ގޮވައިގެން މިޔަންމާއިން ދަތުރުކުރި ބޯޓެއް މެލޭޝިޔާއާއި ތައިލޭންޑުން ބޯޑަރު ކައިރިން އަޑިއަށް ގޮއްސިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި، ބޯޓު އަޑިއަށް ދިޔުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ކަނޑަށް ގެއްލިފައެވެ.
މިހާތަނަށް ގެއްލުނު މީހުންގެ ތެރެއިން 13 މީހަކު ސަލާމަތް ކުރެވުނު ކަމަށާއި މިހާދިސާގައި 7 މީހަކު މަރުވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދެމުން މެލޭޝިޔާގެ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާގެ އިސްވެރިޔާ ރޮމްލީ މުސްޠަފާ ބުނީ، 300 މީހުން ގޮވައިގެން އެ ބޯޓު މިޔަންމާގެ ރަޚާއިން ސްޓޭޓުން ފުރާފައި ވަނީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ. އަދި މި ހާދިސާގައި ކަނޑު މައްޗަށް ގެއްލުނު މީހުން ހޯދުމަށް މެލޭޝިޔާގެ ލަންކާވީ ކައިރިން 170 އަކަނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދެއް ބަލަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
ރަޚާއިން ސްޓޭޓުގައި ހަމަނުޖެހުންތަކާއި ތަޅާފޮޅުންތައް ހިނގައި، ބަނޑުހައިހޫނުކަމާއި ފަގީރުކަން ފެތުރެމުންދާތާ އެތައް އަހަރެއް ވަނީ ވެފައެވެ. އެގޮތުން އެ އަނިޔާވެރިކަން އެންމެ ބޮޑަށް ތަޙަައްމަލްކުރާ އެއް ބަޔަކީ ރޮހިންޔާ މުސްލިމުންނެވެ. ރިޕޯޓުތަކުން ހާމަވާ ގޮތުގައި 2017ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން މިޔަންމާގެ ސަރުކާރުން ދަނީ ރޮހިންޔާ މުސްލިމުން ނައްތައިލުމަށް މަސަައްކަތް ކުރަމުންނެވެ. އަނިޔާގެ ސަބަބުން އަމިއްލަ ވަޒަން ދޫކޮށް ދިޔުމަށް މަޖުބޫރުވެ، 1.3 މިިލިޔަނަށްވުރެ ގިނަ ރޮހިންޔާ ރެފިޔުޖީން ބަންގްލަދޭޝްގެ ކޭމްޕުތަކުގައި ވެސް ދިރިއުޅެއެވެ.



