ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް ދޭން ސަރުކާރުން ނިންމައިފިއެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ބާއްވަވާ ރަސްމީ ޖަލްސާގައި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން އޮންނާނެއެވެ.
އެގޮތުން މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 8.30 ގައި ސޯޝަލް ސެންޓަރުގައެވެ.
މި ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެއެވެ.
މި ބޭފުޅުންނަކީ، 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުންނެވެ.
މި އިނާމަށް ބޭފުޅުން ހޮއްވެވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މި އަހަރު ލިބިވަޑައިގަންނަވަނީ 33 ބޭފުޅުންނަށެވެ. އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވީ، ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ.
40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތައް ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ އިނާމު ދެއްވާފައެވެ.



