ފަަސްމިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ލ.ގަމުގައި ގަސް އިންދުމަށް ޚާއްސަ 2 ނާސަރީއެއް ތަރައްޤީކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް ޑީސީ) އާއި ހަވާލުކޮށްފިއެވެ.
އެގޮތުން އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީން ވަނީ އެޗްޑީސީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީން ބުނީ ގަމުގައި ތަރައްޤީކުރާ މި ދެ ނާސަރީއަކީ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިތުރަށް ފުޅާކޮށް، ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށްޓަކައި ހިންގާ މަސައްކަތެއް ކަމަށެވެ.
މި ނާސަރީތަކުގެ ތެރޭގައި 20,000 އަކަފޫޓުގެ ނާސަރީއަކާއި 100,000 އަކަފޫޓުގެ ނާސަރީއެއް ހިމެނެއެވެ.
މި ޕްރޮގުރާމް ހިންގުމާ ޙަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރ އަތީފް ފާހަގަކުރެއްވި ގޮތުގައި، 20,000 އަކަފޫޓުގެ ނާސަރީ މި އަހަރު ނިމުމުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ އެވެ.
އަދި 100,000 އަކަފޫޓުގެ ނާސަރީ އަންނަ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އަތީފް ވިދާޅުވިއެވެ.
”މި ދެ ނާސަރީ ތަރައްޤީކޮށް ބޭނުން ކުރެވެން ފެށުމުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޮޑު އިންޤިލާބެއް އަންނާނެ…މި ވަގުތު މި ޕްރޮގްރާމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެއިން ގަސް ހޯދުން، މި ނާސަރީތަކުގެ ސަބަބުން އެކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ“ އަތީފް ފާހަގަކުރެއްވިއެވެ.
މި ނާސަރީތަކުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ލަނޑުދަނޑި ފަސޭހަކަމާއިއެކު ޙާސިލުވެގެން ދާނެ ކަމަށް މިނިސްޓްރީން އުންމީދު ކުރެއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، ގައުމުގެ ފެހިކަން އިތުރުކޮށް، މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސް ޑރ. މުޢިއްޒު އިޢުލާންކުރައްވާފައިވާ ހަރަކާތެކެވެ.
މި ޕްރޮގުރާމް ރަސްމީކޮށް ފެށިފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން 5 ޖޫން 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ.



