ހުޅުމާލޭގައި ތަރައްގީކުރި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައު ހެޑްކުއަރޓަރސް ރައީސް ޑރ. މުހައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.
ހުޅުމާލެ ފޭސް 1 ގައި އިމާރާތްކުރި މި އައު އޮފީހަކީ 2 ފަންގިފިލާގެ އިމާރާތެކެވެ. އަދި މިއީ ގާތްގަނޑަކަށް 12000 އަކަފޫޓުގެ ޖާގައެއްގައި އަޅާފައިވާ އިމާރާތެކެވެ.
މި ހެޑްކުއަރޓަރސް ހުޅުވައި ދެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
މީގެ އިތުރުން އެ ހެޑްކުއަރޓަރސްގެ އައު އިމާރާތުގައި ހުރި ވަސީލަތްތައް އެ މަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.
މި އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙުސައިން ޒަރީރާއި، ކަރެކްޝަންސްގެ އިސްވެރިންނާއި ކަރެކްޝަންގެ އޮފިސަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަފައެވެ.



