ހުޅުމާލޭގައި ހިނގި އެކްސްޑެންޓަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވަނީ އެކްސިޑެންޓުވި ކާރު ދުއްވި ހ. ބްލޫލޫން / މާލެ، މުޙައްމަދު ޖައުޝަން (29އ) އާއި އެ ކާރުގެ ކުރީ ސީޓުގައި އިން މ. ފަންއަރި / މާލެ، އަޙްމަދު އައުސަމް ޙަނީފް (26އ) އެވެ.
މި ދެމީހުން ވެސް ހައްޔަރުކުރިއިރު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ނިރޮޅުމަގުން ދުއްވާފައި ދިޔަ ކާރެއްގެ ކުރިމަތިން އައި އެހެން ކާރަކުން ނައްޓައި، ދާންއުޅުމުގެ ތެރޭގައި ކޮންޓްރޯލުނުވެ ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެ އަދި ފިހާރައެއްގެ ބިއްލޫރިގަނޑުގައި ކާރު ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައާ ގުޅިގެންނެވެ.
އަދި އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. މައްސަލައިގައި ހިމެނޭ ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓު ހިނގި ވަގުތު އެ ސަރަހައްދުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


