ޤައުމީ ސަލާމަތާ ގުޅޭ ދާއިރާތަކުން، ދިރާސާކުރުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ސަލާމަތީ ކަންކަމާއި ގުޅޭ ގޮތުން ދިރާސާކޮށް، އެ ދާއިރާގެ ޢިލްމު ކުރިއެރުވުމާއި، ސިޔާސަތުތައް އެކުލަވާލުމުގައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރާނެއެވެ.
މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒްއެވެ.
އަދި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް ވިދާޅުވީ، މި އެއްބަސްވުމާއެކު އެ ޔުނިވަރސިޓީގެ ސެންޓަރ ފޮރ ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑިސްއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
”މީގެ މަޤްސަދަކީ، ޤައުމީ ސަލާމަތާއި ގުޅޭ މަސްލަހަތާއި ބެހޭގޮތުން ޤައުމީ ފެންވަރުގައި މަޢުލޫމާތު އިތުރުކޮށް، މި ދާއިރާއިން ދިރާސާތައް ކުރިއެރުވުމާއި، ޤައުމީ މުވައްސަސާތަކާއި ގުޅިގެން، މަސައްކަތް ކުރުމާއެކު ދިރާސާތަކުގެ ހޯދުންތަކުގެ އަލީގައި މިދާއިރާގެ ސިޔާސަތުތައް އެކަށައެޅުމަށް މަގުފަހިކުރުން“ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އެމްއެންޔޫ އިން ބުނީ މި އެއްބަސްވުމުގެ ދަށުން ސެކިއުރިޓީ ރިސަރޗްގެ ދާއިރާއިން އެމްއެންޔޫގެ އެކަޑަމިކް މުވައްޒަފުނާއި ފުލުހުންނަށްވެސް ފެލޯޝިޕްގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.



