ޖުޑިޝަރީ މިނިވަންކޮށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ވާނުވާ ބަންދުގެ މައްސަލައަށް ޙައްލު ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ޖުޑިޝަރީ ދާއިރާ މިނިވަންކުރުމަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ވާނުވާ ބަންދުގެ މައްސަލައަށް ޙައްލު ލިބޭނެ ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް އެބައޮތް ކަމަށެވެ.
ރައީސް ވިދާޅުވީ ”ވާނުވާ ބަންދުގައި“ ބަޔަކު ތިބެގެން ނުވާނެކަމަށާ، ކޯޓު މަރުހަލާގެ ތެރެއިން ނިންމަންޖެހިފައި ހުރި މައްސަލަތައް ވީ އެންމެ އަވަހަކަށް ނިންމެވުމަށް ގޮވާލައްވައި، ޢަދުލުވެރިކަމާއި، އިންސާފުވެރިކަމާއެކު އެކަން އެގޮތަށް ކުރައްވާނެކަމުގެ ސައްތަ އިންސައްތަ ޔަޤީންކަން ޖުޑީޝަރީގެ މައްޗަށް އެބައޮތްކަމަށެވެ.
ޖުޑީޝަރީގެ ތެރެއިން ނިންމަންހުރި ކަންކަން ނިންމުމަށް ސަރުކާރުން ކޮށްދޭންޖެހޭކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެެވެ.
”ޖުޑިޝަރީއަށް ވަކި އެކައުންޓެއް ކަނޑައަޅާ، އަމިއްލައަށް ޚަރަދުތައް ބެލެހެއްޓޭނެ ގޮތް އެވަނީ ކަނޑައަޅާފަ. މިނިވަންކަމާއެކު ޚިދުމަތް ކުރުމާއި، ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މުވައްޒަފުން ހޯދުމާއި، އަދިވެސް މުހިންމު ކަންތައްތައް އަމިއްލައަށް ކުރެވޭ ގޮތް އެވަނީ ހަމަޖެހިފަ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖުޑީޝަރީއަށް ބޭނުންވާ ޖާގަ ހަމަޖައްސަވައިދެއްވުމާއި، ދަޢުލަތުގެ ބަޖެޓު ކަނޑައަޅުއްވުމުގައި ޖުޑީޝަރީގެ ބަޖެޓް ވަކިކޮށްދެއްވާފައި ވަނީވެސް، އަދުލު އިންސާފު ޤާއިމްކުރުމުގެ މަސައްކަތްތައް އަވަސްކުރަން ކަމަށެވެ.
މިގޮތުން ޚާއްސަކޮށް އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް، ވާނުވާ ބަންދުގެ މައްސަލަތަކަށް އަވަސް ޙައްލެއް ގެނައުމުގެ މަސައްކަތްތަކަށް މަގުފަހި ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.
”ވާނުވާ ބަންދުގައި“ ބަޔަކު ތިބެގެން ނުވާނެކަމަށާ، ކޯޓު މަރުހަލާގެ ތެރެއިން ނިންމަންޖެހިފައި ހުރި މައްސަލަތައް ވީ އެންމެ އަވަހަކަށް ނިންމެވުމަށް ގޮވާލައްވައި، ޢަދުލުވެރިކަމާއި، އިންސާފުވެރިކަމާއެކު އެކަން އެގޮތަށް ކުރައްވާނެކަމުގެ ސައްތަ އިންސައްތަ ޔަޤީންކަން ޖުޑީޝަރީގެ މައްޗަށް އެބައޮތްކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.


