ފަތުރުވެރިން ގޮވައިގެން އެކްސްކަރޝަންއަށް ނިކުމެ އުޅުނު ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓެއްގައި އެތަނުން އެއް ދޯނި އަޑިއަށްހިނގައްޖެއެވެ.
ފުލުހުން މިއަދު ބުނީ މި ހާދިސާ ހިނގީ ބާސެލޯ މޯލްޑިވްސް ރިސޯޓްގެ ފުއްޓަރު ފަރާތާ ދިމާއިން ބޭރުގައިކަމަށެވެ.
އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު 12:29 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައިނުވާ ކަމަށެވެ.
އަދި މި ހާދިސާގައި އެއް ދޯނި ވަނީ އަޑިއަށް ގޮސްފައި ކަމަށާއި އަނެއް ދޯނީގެ ޑެކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަޑިއަށް ދިޔަ ދޯނީގައި ތިބި މީހުން ވަނީ އެ ސަރަހައްދުގައި އޮތް އެހެންވދޯންޏަކަށް އަރައި ސަލާމަތްތެރިކަން ހޯދައިފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



