ތުރުކީގެ ޢަސްކަރީ މުދާ އުފުލާ ބޯޓެއް ވެއްޓި 20 މީހަކު މަރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން އަށާއި އެ ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒު ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން އަށާއި އެ ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައިވަނީ ޕްލެޓްފޯމް އެކްސް މެދުވެރިކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވަނީ، ތުރުކީގެ ސަރުކާރަށާއި މި ހާދިސާގައި މަރުވި ފަރާތްތަކުގެ ޢާއިލާތަކަށާއި އެ ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައެވެ.
ރައީސް ވަނީ މި ހާދިސާގައި މަރުވި ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ. އަދި މަރުވި މީހުންގެ ޢާއިލާތަކަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެންފައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ މިހާރު ކުރިއަށްދާ މީހުން ހޯދުމާއި ސަލާމަތްކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން އަވަހަށް އަދި ކާމިޔާބުކަމާއެކު ނިމިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ރާއްޖެއިން ތުރުކީއާއެކު އެއްބައިވަންތަކަމާއެކު ދެމިތިބޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ތުރުކީގެ ރައީސް އުރްދުޣާންއަށް އަރުވާފައެވެ.


