މިއަންނަ ހައްޖުން ފެށިގެން، ހައްޖު މޫސުމުގައި އެންމެހައި ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދާނީ ސީދާ ހައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުން ކުރިއަށް ދެންކުރިއަށްގެންދާނީ ސީދާ ހައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމުގައި ސައުދީ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
”ކަތިލުމަށް ފައިސާ ދައްކަން ޖެހެނީ ވެސް ޑިޖިޓަލް ޕޯޓަލްގެ ތެރެއިން އެ ޤައުމެއްގެ ހައްޖު މިޝަން މެދުވެެރިކޮށް ހައްޖު މިނިސްޓްރީއަށް. ކުރިން މިކަން ކުރަމުންދިޔައީ ހައްޖު ޖަމާޢަތްތަކުން ސައުދީގެ ޕްރައިވެޓް ކުންފުނިތައް މެދުވެރިކޮށް. މި ގެނެވުނު ބަދަލުން ދެން ކުރިއަށް ދާނީ ސީދާ ހައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުން އުޟްޙިޔާއާއި ހަދްޔާ ބެހޭ ޚާއްޞަ ކޮމިޝަނަކުން“ މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކަތިލުމަށް ފަހު ފަޤީރުންނަށް މަސް ބެހުމުގެ ކަންތައް ވެސް ގެންދާނީ އެ ކޮމިޝަނުން ކަަމަށެވެ.
އެ ޤައުމެއްގެ ހައްޖުވެރިންގެ ހަދުޔާއި އުޟްޙިޔާ ކަތިލުމުގެ ވީޑިއޯ ވެސް މިޝަނުން ބޭނުން ނަމަ ޙިއްސާކުރާނެ އަދި ހައްޖުވެރިން ކާން ބޭނުންކުރުމަށް މިޝަނުން ބޭނުން ނަމަ މަސްވެސް ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.
މިނިސްޓްރީން ބުނީ މި ބަދަލު ސައުދީ ސަރުކާރުން ގެނައީ މިއަޅުކަން ހެޔޮ ގޮތުގައި ތަންފީޒުވުން ކަށަވަރު ކުރުމަށާއި ކޮރަޕްޝަންގެ އަމަލަކަށް ޖާގަ ނުދިނުމަށްޓަކައި ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖު މިނިސްޓްރީން ވަނީ ގައުމުތަކުގެ ހައްޖު މިޝަންތަކުގެ ވެރިންނާއި މިކަމާ ގުޅޭ ގޮތުން އިއްޔެ ބައްދަލުކޮށްފައި ކަމަށެވެ.
އަދި މި ބައްދަލުވުމުގައި ރާއްޖޭގެ މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަން ބައިވެރިވެފައިވާ ކަމަށާއި ރާއްޖޭގެ ހައްޖު މިޝަނުންވަނީ އެ ކަމަށް މަރުހަބާ ކިޔައި މިބަދަލަކީ ވަރަށް ރަނގަޅު ބަދަލެއްކަމުގައި ހާމަކޮށްފައި ކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.



