ލ. އަތޮޅު ވެރިރަށް ފޮނަދޫ ޕަބްލިކް ވަރކްސް ޔުނިޓުން، އެ ރަށުގައި ފަތާ ސަރަހައްދެއް ހަދައިފިއެވެ.
މިނިސްޓްރީ އޮފް ޕަބްލިކް ވާކްސް އިން ބުނީ އެއީ ފޮނަދޫ ކައުންސިލުގެ އެދުމުގެ މަތިން ހެދުނު ފަތާ ސަރަޙައްދެއް ކަމަށެވެ.
ފޮނަދޫ ޕަބްލިކް ވަރކްސް ޔުނިޓުން ތަރައްޤީކޮށްފައި ވަނި 30،000 އަކަފޫޓްގެ ފަތާ ސަރަޙައްދެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
އެގޮތުން އެ މަސައްކަތް އެ ޔުނިޓުންކޮށްފައި ވަނީ ފޮނަދޫ ކައުންސިލްގެ އެހީތެރިކަމާއެކު ކަމަށް މިނިސްޓްރީން ބުނެއެވެ.
ފޮނަދޫ ޕަބްލިކް ވަރކްސް ޔުނިޓުން ބުނީ މި މަސައްކަތަށް 6 މަސް ދުވަސް ހޭދަވެފައިވާ ކަމަށެވެ.
ޕަބްލިކް ވާރކްސް ޔުނިޓުތަކަކީ ރައްޔިތުންނަށް ބޭނުންވާ އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްސަދުގައި އުފައްދާފައިވާ ޔުނިޓްތަކެކެވެ.
މިފަދަ 7 ޔުނިޓެއް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ވެސް އަންނަނީ ޙިދުމަތްދެމުންނެވެ.
އާންމު ޚިދުމަތް ނުފެށި ހުރި އަތޮޅުތަކުގައި ޚިދުމަތް ފެށުމަށްޓަކައި އިތުރު 19 ޔުނިޓާއި، މޯބައިލް 2 ޔުނިޓް އުފެއްދުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ.




