މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ގެނެސް ދިނުމުގެ ގޮތުން ސަރުކާރުގެ ފަރާތުން އެޅުމަށް ނިންމާފައިވާ، 3،000 ހައުސިންގް ޔުނިޓު އެޅުމަށް ބޭނުންވާ ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު މިއަދު ސޮއިކޮށްފިއެވެ.
އެކަމަަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ ބީއެމްއެލް އޭ ގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާމް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ އެމްޑީ އަދި ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ މި އެއްބަސްވުމަކީ، ބީއެމްއެލްގެ ބައެއް ކަމުގައިވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިންގް ޕްރައިވެޓް ލިމިޓެޑާއި ހައުސިންގް މިނިސްޓްރީއާ ދެމެދު ނޭޝަނަލް ހައުސިންގް ސްކީމްގެ ދަށުން އަޅާ 3000 ހައުސިންގް ޔުނިޓް އެޅުމަށް ބޭނުންވާ ބިން ހަވާލު ކުރުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.
އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ކެބިނެޓުން ވަނީ ނެޝަނަލް ހައުސިންގް އެފޯޑަބިލިޓީ އެންޑް އެސެސިބިލިޓީގެ ނަމުގައި ބޯހިޔާވަހިކަމުގެ ސިޔާސަތެއް ގާއިމް ކޮށްފައި ކަމަށް ޝަރީފު ވިދާޅުވިއެވެ.
އެ ޕްރޮޖެކްޓުގެ ދަށުން މާލީ އިދާރާތަކާއި ގުޅިގެން ”ލީސް ޓު އޯން މޮޑެލް“ ގެ ދަށުން އާންމުންނަަށް ހައުސިންގް ޔުނިޓު ދޫކުރުމަށް ޕްރޮޖެކްޓުތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް ވެސް ބީއެމްއެލްގެ އެމްޑީ އަދި ސީއީއޯ ވިދާޅުވިއެވެ.
”މިކަމާ ގުޅިގެން އެމްއެމްއީ އިން ވަނީ އިންކްލޫސިވް ނޭޝަނަލް އެފޯޑަބްލް ހައުސިންގް ސްކީމާ ބެހޭގޮތުން ގަވާއިދެއް އެކުލަވާލާފަ. މި ސްކީމްގެ ދަށުން އެމްއެމްއޭ އިން ކަނޑައަޅާ ގޮތެއްގެ މަތިން ކޮންމެ ބޭންކަކުން ވެސް އެ ބޭންކެއްގެ ޖުމްލަ ލޯން ޕޯޓްފޯލިއޯގެ %10 އާއި %15 އާ ދެމެދުގެ އަދަދަކަށް ފައިނޭންސް ދޫކުރަން ޖެހޭ“ ޝަރީފު ވިދާޅުވިއެވެ.




