ފުވައްމުލައް ސިޓީގެ ފެން ސަޕްލައި ނެޓްވޯކް ތަޣައްޔަރުވެ، ފެނުގެ ޚިދުމަތް ހުއްޓިފައި އޮތް މައްސަލައަށް ޖުމްލަ ހައްލެއް މިއަދު ލިބޭނެ ކަމަށް ފުވައްމުލަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ނަޖާހު ވިދާޅުވެއްޖެއެވެ.
ސަޕްލައި ފެން ތަޣައްޔަރުވެ، ފެނުގެ ހިދުމަތް ވަގުތީގޮތުން ކަނޑާލަން ޖެހުމާގުޅިގެން ފުވައްމުލައް ފެނަށް ޖެހުނީ މިދިޔަ ހޯމަ ދުވަހުން ފެށިގެންނެވެ.
ފެން ތަޣައްޔަރުވުމުގެ އިތުރުން ފެނުގެ ވިއުގައިން ފެން ލީކުވުމުގެ މައްސަލަ ވެސް ފުވައްމުލަކުގެ ފެނުގެ ނެޓްވޯކަށް މެދުވެރިވެފައިވާ ކަމަށް ފެނަކައިން މީގެ ކުރިން ބުންޏެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ފެނަކަގެ އެމްޑީ ނަޖާހު ވިދާޅުވީ މިއަދު މެންދުރާ ހަމައަށް ފުވައްމުލަކުގެ ހުރިހާ ހިސާބަކަށް ވަކި ތާވަލަކަށް ބަހާލައިގެން ފެން ދޫކުރާނެ ކަމަށެވެ. އަދި މިގޮތަށް ފެން ދޫކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ތަހުލީލުތަކުން ފެނުގެ ނެޓްވޯކުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ނަޖާހު ވިދާޅުވީ ފެނުގެ ވިއުގައިގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ފާހަގަކުރި ގެތަކަށް މިހާރުވެސް ފެން ދޫކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ފެން ދޫކުރުމަށްފަހު ފެނުގެ ވިއުގައިން ލީކުވާނަމަ ފެނަކައިން އެކަން ހައްލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.



