މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިއަދު ފަށާފައިވާ ”އޮޕަރޭޝަން އަލިމަގު“ ގެ ތެރެއިން މިހާތަނަށް ހޯދުނު ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ އިތުރުން ފައިސާއާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެ ކޮށްފައިވާ ސިނގިރޭޓުވެސް ހިމެނޭ ކަމުގައި ހޯމްލޭންޑް އެންޑް ސެކިއުރުޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި، 500 އަށްވުރެ ގިނަ ފުލުހުންނާއެކު ފަށާފައިވާ މި އޮޕަރޭޝަނަކީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމުގެ މަތިން ފުލުހުން ފަށާފައިވާ ޚާއްސަ އޮޕަރޭޝަނެކެވެ.
މިއަދު ފަތިހު 05:30 ގައި ފެށި މި އޮޕަރޭޝަންގައި، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށްދާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރ އިހުސާން ވިދާޅުވީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ފުލުހުންގެ އެކި ބަހާތައް ބަހާލައިގެން މިއަދު ފަތިހު 5:30 ގައި ފެށި މި ޚާއްސަ އޮޕަރޭޝަންގެ ތެރެއިން 100 އަށްވުރެ ގިނަ ތަންތަން މިހާތަނަށް ބަލައިފާސް ކޮށްފައިވާ ކަމަށާއި 90 އަށްވުރެ ގިނަ މީހުން މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް ގިނަ އަދަދެއްގެ ފައިސާއާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެ ކޮށްފައިހުރި ސިނގިރޭޓާއި މަސްތުވާތަކެތީގެ އެކި ބާވަތްތައް މި އޮޕަރޭޝަންގައި މިހާތަނަށް ވަނީ ނަގާފަ.“ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ރައީސް މުޢިއްޒު ދެއްވަން ބޭނުންވާ މެސެޖަކީ، މަސްތުވާތަކެތިން ރާއްޖެ ސަލާމަތް ކުރުމަށް މި ސަރުކާރުގައި ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމަށެވެ.



