މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިއަދު ފަށާފައިވާ ”އޮޕަރޭޝަން އަލިމަގު“ ގެ ތެރެއިން ރާއްޖޭގެ އުތުރުގެ ރަށްތަކަކުން 17 ގެއެއް ބަލައިފާސްކޮށް 12 މީހަކު ހައްޔަރު ކޮށްފައިވާ ކަމަަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި، 500 އަށްވުރެ ގިނަ ފުލުހުންނާއެކު ފަށާފައިވާ މި އޮޕަރޭޝަނަކީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމުގެ މަތިން ފުލުހުން ފަށާފައިވާ ޚާއްސަ އޮޕަރޭޝަނެކެވެ.
މިއަދު ފަތިހު 05:30 ގައި ފެށި މި އޮޕަރޭޝަންގައި، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށްދާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ނޯތު ޕޮލިސްގެ ކޮމާންޑަރ ޗީފް ސުޕްރިޓެންޑެންޓް އިބްރާހިމް ނަބީލް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން އުތުރުގެ ރަށްރަށުން 17 ގެއެއް ބަލައި ފާސްކޮށް، 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތްތައް ކަމުގައިވާ ކެނެބިސް، މެތު އަދި ހެރޮއިންކަމަށް ޝައްކުކުރެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ނަބީލް ވިދާޅުވިއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ފުލުހުންގެ އެކި ބަހާތައް ބަހާލައިގެން މިއަދު ފަތިހު 5:30 ގައި ފެށި މި ޚާއްސަ އޮޕަރޭޝަންގެ ތެރެއިން 100 އަށްވުރެ ގިނަ ތަންތަން މިހާތަނަށް ބަލައިފާސް ކޮށްފައިވާ ކަމަށާއި 90 އަށްވުރެ ގިނަ މީހުން މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް ގިނަ އަދަދެއްގެ ފައިސާއާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެ ކޮށްފައިހުރި ސިނގިރޭޓާއި މަސްތުވާތަކެތީގެ އެކި ބާވަތްތައް މި އޮޕަރޭޝަންގައި މިހާތަނަށް ވަނީ ނަގާފަ.“ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ރައީސް މުޢިއްޒު ދެއްވަން ބޭނުންވާ މެސެޖަކީ، މަސްތުވާތަކެތިން ރާއްޖެ ސަލާމަތް ކުރުމަށް މި ސަރުކާރުގައި ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމަށެވެ.


