ފާއިތުވި ދެ އަހަރު ތެރޭ އެންސްޕާއިން 93 މީހަކަށް އައިވީއެފް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި ދެ އަހަރު ތެރޭ އެންސްޕާއިން 93 މީހަކަށް ވަނީ އައިވީއެފް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އަދި އެންސްޕާގެ ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑަށް، މިދިޔަ އަހަރާއި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ވަނީ ޖުމްލަ 7.13 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
މީގެ އިތުރުން އެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެކަނިވެސް އެ ފަންޑުން ވަނީ 4.78 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
އަދި އެ މުއްދަތުގެ ތެރޭގައި އެހީފޯރުކޮށްދިން 93 މީހުންގެ ތެރެއިން، އެ ފަރުވާ ކާމިޔާބުކުރެވިފައިވަނީ އޭގެ ތެރެއިން 23 މީހުންނަށް ކަމަށްވެސް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ގުދުރަތީ ގޮތުން ދަރިން ނުލިބޭ ނަމަ އެކަމަށް ދެން އޮތް ފަރުވާއަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ. ދަރިމައިވުމުގެ މައްސަލަތައް ރާއްޖޭގައި ގިނައިރު، އެ ފަރުވާއަށް ބޮޑު ހޭދައެއްކުރަން ޖެހުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
އެހެންކަމުން ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް އާސަންދަ މެދުވެރިކޮށް އައިވީއެފްގެ ޚިދުމަތް ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.




