ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްގެންދިޔަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް (އައި.އެސް.ސީ) ގައި ބައިވެރިވެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މިމަހުގެ 10 އިން 12 ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްގެންދިޔަ އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން މަޖިލީހުގެ ރައީސް ވަނީ ތަޤުރީރުކުރައްވާފައެވެ.
އެގޮތުން ސުލްހަވެރިކަމާއި ސަލާމަތީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ ދެމެހެއްޓުމަށްޓަކައި މަލްޓިލެޓަރަލް ޕާލިމެންޓަރީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް އެ ތަގުރީރުގައި ވަނީ ގޮވާލައްވާފައެވެ.
އައި.އެސް.ސީގެ ހަވާސާގައި މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މޮރޮކޯގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ހައުސް އޮފް ކައުންސިލަރސްގެ ރައީސް، އޮނަރަބަލް މުޙައްމަދު ވުލްދު އައްރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާފައެވެ.
އެ ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި މޮރޮކޯއާ ދެމެދު އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީހާއި މޮރޮކޯގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުން ވަރަށް އަވަހަށް މޯލްޑިވްސް-މޮރޮކޯ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕެއް އުފެއްދުމުގެ މަސައްކަތްކުރައްވާނެކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި، މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ތަމްރީނުގެ ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.



