ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، ސިއްހީ އާދަތަކަށް ޅައިރުއްސުރެ އަހުލުވެރިވުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިއަދަކީ ”ދުނިޔޭގެ ހަކުރުބަލީގެ ދުވަސް“ ކަމުގައި ވާތީ މި ދުވަހާ ގުޅޭގޮތުން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް ވިދާޅުވީ ކެއިންބުއިމާއި، ހަރަކާތްތެރިވުމާއި، ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ސިއްހަތަށް ސަމާލުވާން ޖެހޭ ކަމަށާއި ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ ތަރުބިއްޔަތު ލިބިގަންނަން ޖެހޭ ކަމަށެވެ.
”މިގޮތުން، މިކަންކަމަށް މުޖްތަމަޢު ހޭލުންތެރި ކުރުމަށް އަމިއްލަ ޖަމާޢަތްތަކާއި ފަރުދުންގެ ފެންވަރުގައިވެސް ކުރައްވާ މަަސައްކަތްތަކަށް ޝުކުރު ދަންނަވަން! ދިވެހީންނަކީ ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބެ، ޤައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ ޢަޒުމު މިފަދަ ކޮންމެ ދުވަހަކުމެ އަޅުގަނޑުމެން އާކުރަން ވާނެ.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މި ބަޔަށް ބައިނަލްއަޤްވާމީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހަކީ ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. މިއަހަރު މި ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ ހަކުރު ބައްޔާއި ދުޅަހެޔޮކަމެވެ.



