މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެގޮތުގައި 93 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ ތަފާސް ހިސާބުތަކުންދައްކާގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް މީރާއަށް މުދަލު ޒަކާތުގެގޮތުގައި ވަނީ 93 މިލިޔަން ރުފިޔާ ލިބިފައެވެ.
މި އަހަރުގެ އޮކްޓޫބަރުމަހު މުދަލު ޒަކާތުގެގޮތުގައި ވަނީ 5.5 މިލިޔަން ރުފިޔާ ލިބިފައެވެ. އަދި
މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ލިބިފައިވަނީ 5.6 މިލިޔަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ ފުރަތަމަ 10 މަސްދުވަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 88 މިލިޔަން ރުފިޔާއެވެ.
އެހެންކަމުން އެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ 10 މަސްދުވަހު ލިބުނު 88 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 5 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގްރާމަކަށް 18:81 ގެ ރޭޓުން 595 ގްރާމަށްވާ 11,191.95ރ އެވެ.
މި ބަދަލު ގެނައުމުގެ ކުރިން މިދިޔަ އެޕްރީލް މަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ 9264.15 ރުފިޔާއެވެ.
ޒަކާތް ހައުންސްއިން ގެނައި މި ބަދަލާއިއެކު އާ ނިސާބާއި ކުރީގެ ނިސާބާ ދެމެދު 1،927.8 ރުފިޔާގެ ތަފާތެއް ވެއެވެ.
މުދަލު ޒަކާތުގެ ނިސާބަކީ ޒަކާތް ދިނުން ވާޖިބުވާ އެންމެ ދަށް މިންވަރެވެ. ރާއްޖޭގައި މި މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އަދި ރިހީގެ އަގު ކަނޑައަޅަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެއެވެ.
ޒަކާތް ދިނުން ލާޒިމްވަނީ މުދަލުގައި ނިސާބު ހަމަވެ، އެ މުދާ އެ މީހެއްގެ އަތުގައި ހިޖުރީ އަހަރެއް ވަންދެން ހުރުމުންނެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.



