ފުލުހުންގެ ޚިދުމަތް ދެމުން އައީ ކަށިން ހިތްވަރު ނެރެގެން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރ. އިންނަމާދޫގައި މި ސަރުކާރުން ގާއިމް ކުރި ފުލުހުންގެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ފުލުހުން މަސައްކަތް ކުރަމުން އައީ އަމިއްލަ ނަފްސަށް ވުރެ ދިވެހި ގައުމާއި ދިވެހި ފުލުހުންގެ ހިދުމަތް އިސްކޮށްގެން ކަމަށެވެ.
”ފުލުހުން ހިދުމަތް ދެމުން އައީ ތަހަންމަލު ކުރަމުންދިޔަ ވޭނާއި، ގައިގައި އަޅަމުން ދިޔަ އެކިއެކި އިހުސާސްތައް ފޮރުވައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މަތިވެރި ގައުމީ ވިސްނުމުގައި“ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ހަމައެހެންމެ ރައްޔިތުންނާއި ރައްޔިތުންނަށް ދިމާވާ ކޮންމެ ނުރައްކަލަކާ ދޭތެރޭގައި ހުރަހަކަށްވެ، އެކަމެއް ނައްތާލުމަށް ފުލުހުން ހަށިގަނޑާއި ފުރާނައިން ގުރުބާން ވާނެ ކަަމަށްވެސް މިނިސްޓަރު އިހުސާންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
”ނިކަމެތި ހާލަތުގައި ފުލުހުންގެ ހިދުމަތް ދެމުންދާކަން އެންމެންނަށްވެސް ވަޒަން ކުރެވޭ ނަމަވެސް، މި ހާލަތު ބަދަލު ކުރުމަކީ ހަރަދުބޮޑު، ސަރުކާރަކުން ނަގާނެ ވަރަށް ބޮޑު ފިޔަވަޅެެއް. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސް ކުރެއްވީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ފުލުުހުންގެ ހިދުމަތް ދެވޭނެ ގޮތް“ މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމްވެ ތިބެގެން ފުލުހުންގެ އަމިއްލަ މަރުކަޒުތަކުގައި ރަނގަޅަށް ހިދުމަތް ދެވޭނެ ގޮތް ގާއިމުކުރުމަށް ރައީސް މުޢިއްޒު އިއުލާން ކުރެއްވި ބޮޑު މަޝްްރޫއެއްގެ ތެރެއިން މިވަގުތު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމްކޮށް، އެ ހިދުމަތް ދެމުންދާ ކަަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.



