ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާ ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސިޔާސީ އެއްވުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ ރޭގައި ވިދާޅުވެއްޖެއެވެ.
މިރޭ 8:30 ގައި ފެށޭ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޖަލްސާއާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ފެނިގެންދަނީ ރައްޔިތުން މިއަދުގެ ސަރުކާރަށް ކުރާ ތާއީދު ކަމަށާއި މިއީ މުޅި ރާއްޖެއިން ބައިވެރިވާ ހަރަކާތެއް ކަމަށެވެ.
”އަޅުގަނޑުވެސް ސިޔާސީ މަސައްކަތުގައި އުޅޭތާ ވަރަަށް ދުވަސް ވެއްޖެ. އެހެންނަމަވެސް މިހާ ފޯރިއާއި މިހާ ޖޯޝާއެކު ރައްޔިތުން އަމިއްލައަށް އިސްނަގައިގެން ސިޔާސީ ހަރަކާތަކަށް މިއަށްވުރެ ބޮޑަށް މީގެ ކުރިން ތައްޔާރުވީ ހަނދާނެއް ނުވޭ. އެހެންވީމަ އަޅުގަނޑު ގަބޫލި ކުރަނީ މި ޖަލްސާ ވެގެންދާނީ މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ސިޔާސީ އެއްވުމަށް ކަމަށް“ އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެއިތުރުން ޕީއެންސީގެ ޗެއާމަން ވިދާލުވީ މި ޖަލްސާއަށްފަހު ރާއްޖޭގެ ސިޔާސީ މަސްރަހު މުޅިން އެނބުރިގެންދާ މަންޒަރުވެސް ފެންނާނެ ކަމަށެވެ.


