ނޭދެވޭ ކަންކަން ހިނގަނީ އީމާންކަމާއި އިސްލާމްކަމާއި އިޙްސާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ހިތްތަކުގައި އެޅިފައި ނެތުމުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”ތައުޙީދުގެ މަތީގައި ދަރީން ތަރުބިޔަތުކުރުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ މާތް ނަބިއްޔާ އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ތަރުބިޔަތުކުރައްވައިފައި ވަނީ އީމާންކަމާއި އިސްލާމްކަމާއި އިޙްސާންކަމުގެ މަތީގައި ކަމަށެވެ.
އެހެންކަމުން އެ ބޭކަލުންގެ އަޚުލާޤާއި މުޢާމަލާތުކުރެއްވުން މާތްވެފައި ހެޔޮ ކަމަށާއި އެ ބޭކަލުންގެ މެދުގައި އެއް ބޭކަލަކާއި އަނެއް ބޭކަލަކާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެފައި އިތުބާރުކުރުން ހަރުދަނާ ކަމަށެވެ.
އެގޮތުން އެ ބޭކަލުންގެ ހިތްޕުޅުގައި އިޙުސާންކަން ރަނގަޅަށް ހަރުލައިފައިވުމުން އެ ބޭކަލުންގެ މުޖުތަމަޢުގައި ހަމަޖެހުމާއި އެކުވެރިކަން ޢާންމުވެފައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ނަމަވެސް މިއަދު މި މުޖުތަމަޢުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމާއި އިސްލާމްކަމާއި އިޙްސާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި، ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
އަދި އަބަދާއި އަބަދު މާތް الله ބައްލަވައިވޮޑިގެންވާކަމާއި، އޭގެ އިތުރަށް ދެ މަލާއިކަތުން ތިމާގެ ގާތުގައި ތިމާގެ ޢަމަލުތަކާއި ބުނާ ބަސްތައް ލިއުއްވަން ތިއްބަވާނޭކަން، ކަށަވަރުކޮށްދެވިފައި ނުވާތީ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
”އެހެންކަމުން ޅަފަތުއްސުރެ މިކަންކަން ހިތުން ކެހިގެން ނުދާ ފަދަ ގޮތެއްގައި، ހަރުލެއްވިއްޖެ ނަމަ މީސްތަކުންގެ އުޅުންތަކާއި ގުޅުންތަކަށް ހެއު ބަދަލު އަންނާނޭކަން ކަށަވަރު“ ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ވަނީ މާތް ﷲ ރުހިވޮޑިގަންނަވާ ޢަމަލުތައް ހެޔޮ ގޮތުގައި ކޮށްގެން މާތް اللهއަށް ތަޤުވާވެރިވުމަށް ގޮވާލައްވާފައެވެ.
”ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.“ މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވާކަމަށް ހުތުބާގައި ބުނެފައިވެއެވެ.
މި މަތިވެރި އާޔަތުގައި އަންގަވައިފައިވާ މަޤުޞަދު ޙާޞިލުކުރުމަށް ޓަކައި އަޅުތަކުން ޚާއްޞަ ކަންތައްތަކެއް ޤަބޫލުކުރާންޖެހޭ ކަމަށާއި އެ ކަންކަމާ ނުލައި އެއްވެސް އަޅުކަމެއް މާތް اللهގެ ޙަޟުރަތުގައި ޤަބޫލުވެވިގެންނުވާ ކަންތައްތައް ވަރަށް ފުރިހަމަކޮށް އެކަލާނގެ އަހަރެނެންނަށް އަންގަވައިދެއްވައިފައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ އެ ކަންކަމަކީ ދަރީން ތަރުބިޔަތުކުރުމުގައި މުހިންމު ކަންތައްތަކެއް ކަމަށާއި އެއީ އޭގެ ސަބަބުން ދަރީންގެ އުޅުމަށާއި ގުޅުންތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާނޭކަންކަން ކަމަށެވެ.
އެކަންތައްތަކަކީ އީމާންކަމާއި، އިސްލާމްކަމާއި އިހްސާންކަންކަމަށް ހުތުބާގައި ބުނެފައި ވެއެވެ.



