ފެނަކައިން ފުވައްމުލަކަށް ދޫކުރާ ފެން، މިންގަނޑުތަކަށް ފެތޭކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.
އެމްއެފްޑީއޭ އިން މިކަން ހާމަކޮށްފައި ވަނީ ފުވައްމުލައް ސިޓީގެ މުނިސިޕަލް ފެނާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައެވެ.
އެގޮތުން އެ ބަޔާނުގައި ބުނީ ”ފެނަކަ ފުވައްމުލައް ބްރާންޗް“އިން ދޫކުރަމުންދާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގާ ތަޙުލީލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ތަޙުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުން އެ ފެނަކީ ޞިއްޙަތާ ބެހޭ ޖަމްޢިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމުގައި އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.
ފުވައްމުލައް ސިޓީގައި ފެނަކައިން ފޯރުކޮށްދެމުން އަންނަ ސަޕްލައި ފެނުގެ ނެޓްވޯކަށް މައްސަލަތަކެއް ދިމާވެ، ފެން ތަގައްޔަރު ވުމުން މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު ވަނީ ފެނުގެ ހިދުމަތް މެދުކަނޑާލާފައެވެ.
ފެނަށް ޖެހިފައިވާ މައްސަލައަށް ހައްލެއް ގެނެސް ދިނުމުގެ ގޮތުން ސަރުކާރުން ވަނީ އެ ސިޓީއަށް ފެނާއި އިތުރު އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެ މައްސަލަ ކުރިމަތިވުމާއެކު ކަނޑާއި ވައިގެ މަގުން ސިފައިން ވަނީ އެ ސިޓީއަށް ފެނާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.
އަދި ފުވައްމުލައް ސިޓީގެ ފެން ތަގައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް ފަށައި ފެން ދޫކޮށްފައި ވަނީ 3 ދުވަސް ފަހުންނެވެ.



