މިއަދު ފާހަގަކުރަމުން އަންނަ ހަކުރު ބަލީގެ ދުވަހާ ގުޅިގެން ހުރިހާ ރަށެއްގައި ހަކުރު ބައްޔަށް ސްކްރީނިން ހަރަކާތްތައް ބާއްވަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެގޮތުން އެޗްޕީއޭ އިން ބުނީ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗް ހޮސްޕިޓަލާއި އެޗްޕީއޭއާ ގުޅިގެން ސޯޝަލް ސެންޓަރުގައި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އަދި މާލެ ސަރަހައްދުގެ ސުކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ރާވާފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެފައި ވެއެވެ.
މީގެ އިތުރުން ހަކުރުބަލީގެ ދުވަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތްތަކެއް އަދި މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
ހަކުރު ބައްޔަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ހަކުރު ނުވަތަ ގުލްކޯޒަކީ ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ މައިގަނޑު މަޞްދަރެވެ. ހަކުރު ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. އަދި މިއީ ޖަރާސީމަކުން ފެތުރޭ ބައްޔެއް ވެސް ނޫނެވެ. ހަކުރު ބައްޔަކީ މުޅިން ރަގަޅު ނުކުރެވުނު ނަމަވެސް ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ.
މިބަލި ޖެހެނީ ހަކުރު ކޮންޓްރޯލް ކުރުމަށް ހަށިގަނޑުގައިވާ ޗިސްމޭ އިން އިންސިއުލިން މަދުވުމުން ނުވަތަ އޭގެ މަސައްކަތް ނުކުރާގޮތް ވުމުންނެވެ.



