ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދީނުގައި އޮތް އެންމެ ހަރުކަށި އަދަބު ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިހާރު އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ޕީއެންސީގެ ”ދިވެހީންގެރާއްޖެ“ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު އޮޕަރޭޝަނެއް އިއްޔެ ހިންގިއިރު އެ އޮޕަރޭޝަންގައި، ޑްރަގް ވިޔަފާރި ކުރާ 100 އަށްވުރެ ގިނަ މީހުންނާއި ތަކެތި ނަގާފައިވާ ކަމަށެވެ.
”މިއީ ނުހުއްޓާނެ އޮޕަރޭޝަނެއް. އެމީހުންގެ ކަންތައްތައް އަދުލުވެރިކަމާއެކުގައި ކުރިއަށް ދާނެ ކަމަށް އުންމީދު ކުރަނީ. އެންމެން އެކީގައި މަސައްކަތްކޮށްފި ނަމަ، ރާއްޖޭގައި ޑްރަގްގެ ވަބާ ފޮހެލާނަން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ، ޑްރަގް އެތެރެކޮށް ވިޔަފާރި ކުރާ މީހުންނަށް އެންމެ މަތީ އަދަބު ދޭން ރައްޔިތުންގެ މަޖިލިހުން ފާސް ކުރައްވާނެ ކަމަށެވެ.
ދިވެހީންގެރާއްޖެ ޖަލްސާއަށް ރާއްޖޭގެ އެކިކަންކޮޅުތަކުން އެތައް ސަތޭކަ ރައްޔިތުންނެއް ވަނީ ބައިވެރިވެފައެވެ. މިއީ މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިވީ ސިޔާސީ ހަރަކާތެވެ.



