ސިޔާސީ މީހުންނަށްޓަކައި ކުރީގެ ސަރުކާރުތަކުން ޖަލުގައި ހަދާފައިވާ ގޮޅިތައް މި ސަރުކާރުގައި ހުރީ ހުސްކޮށް ކަމަށާއި، މި ސަރުކާރުން ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރު ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢުއްޒު ރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ”ދިވެހީންގެރާއްޖެ“ ގެ ނަމުގައި ޕީއެންސީން ރޭ އާޓިފިޝަލ ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ސިޔާސީ މީހުންނަށްޓަކައި ކުރީގެ އެކި ސަރުކާރުތަކުން ޖަލުގައި ހެދި ގޮޅިތަކަށް ލާނެ މީހަކު މިހާރު ނެތުމުން، ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ ކަމަކީ އެ ގޮޅިތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުން ކަމަށެވެ.
”ދެން އަޅުގަނޑަކަށް ނެތް އެ ތަންތަނަށް ލާނެ މީހަކު ފޮނުވޭކަށް. އެއީ އަޅުގަނޑު ސިޔާސީ ގޮތުން ބަދަލު ނުހިފާތީ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ ސިޔާސީ ވިސްނުމަކާ ހެދި އެއްވެސް މީހަކު ހައްޔަރު ނުކުރުން ކަމަށެވެ. އެހެންކަމުން މި ސަރުކާރުގައި މިދިޔަ ދެ އަހަރު ވެސް އެ މަންޒަރު ނުފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



