ރާއްޖެ އާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުޙައްމަދު މޫސާ (އުއްޗު) ވެސް ސްވެނިއަރ ޕްލެޓިނަމް ޓިކެޓް ބައްލަވައިގެންފިއެވެ.
އުއްޗުއާ އެ ޓިކެޓު ހަވާލުކޮށްދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤާއި ފަލަސްތީނު 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޖުމާ ސުލައިމާނެވެ. ފަލަސްޠީނަށް އެހީވުމަށް ހިންގާ މި ޙަރާކާތުގައި މުޙައްމަދު މޫސާވެސް ބައިވެރިވަޑައިގެންނެވުމަކީ ވަރަށް ޚާއްސަ ކަމެއް ކަމަށާއި، އެކަމަށްޓަކައި އޭނާއަށް ޝުކުރު ދަންނަވާކަމަށް އެފްއޭއެމުން ބުނެއެވެ.
ފަލަސްތީނާއި ރާއްޖެއާ ދެމެދު ކުޅޭ އެކުވެރިކަމުގެ މެޗުތަކަކީ ފަލަސްތީނު ޓީމު ރާއްޖޭގައި ކުރިޔަށް ގެންދާ ކޭމްޕްގެ ތެރެއިން ކުރިޔަށް ގެންދާ ދެ މެޗެވެ. މި ދެމެޗަށް އެފްއޭއެމުން 500 ސްވެނިއަރ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވެއެވެ.
ސްވެނިއަރ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރަން ނިިންމައިފައިވަނީ އިސްރޭލުން ހިންގި ލާއިންސާނީ އުދުވާނާއި ގުޅިގެން ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ފުޓްބޯޅަ އަލުން ދިރުވައި އާލާކުރުމަށް ފަލަސްތީނުގެފުޓުބޯޅަ އެސޯސިއޭޝަނުން ކުރާ މަސައްކަތަށެވެ.



