ސަރުކާރުގެ އެކި މަޝްރޫއުތައް ހިންގި އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުދީ ހުރި ފައިސާ ދޫކުރަން މި މަހުގެ ކުރީކޮޅު ފެށި ފަހުން މިހާތަނަށް 444 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީން ރޭގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ނުހުއްޓި ކުރިއަށްގެންގޮސް، އިޤުތިބާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުގެ އަދާހަމަ ޙިއްސާކުރައްވާފައެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުގައި އަމިއްލަ ކުންފުނިތަކުން ހިންގި މަޝްރޫޢުތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ، ފުނި ޖައްސާފައި ހުރި ކަމަށެވެ. އެހެންކަމުން މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން މިގޮތަށް ފައިސާ ނުދައްކާހުރި ކުންފުނިތަކަށް ފައިސާ ޖަމާކުރަން ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިއްޔެއާ ހަމައަށް ފައިސާ ނުދީ އޮތް 1040 ކުންފުންޏަކަށް 444.3 މިލިޔަން ރުފިޔާ މިހާރު ޖަމާކޮށްދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
”ފަސް ހަފުތާ ވީ ތަނާ ފެށީ ބިލުތައް ދައްކަން. ފެށި ގޮތަށް މިއަދާ ހަމައަށް އައިއިރުގައި މިއަދުގެ މި ގަޑިއާ ހަމައަށް އައި އިރުގައި ތަފާތު 1،040 ފަރާތަކަށް ކުރީގައި ކޮށްފައި ހުރި މަސައްކަތަށް ފައިސާ ދެވިއްޖެ. 1،040 ފަރާތަކަށް ފައިސާ ދީފިން. ޖުމްލަ 444.3 މިލިއަން ރުފިޔާގެ ޕެންޑިން ބިލްސް އަށް އަޅުގަނޑުމެން ފައިސާ ދައްކައިދީފިން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.



