އުންމަތެއް ނުވަތަ ޤައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑް ދިނުމަށް ރޭގައި ބޭއްވި ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ކޮންމެ އިންސާނެއްގެވެސް ފުރަތަމަ މުދައްރިސް، އެހީތެރިޔާ، ހިޔާވަހި އަދި މަދަރުސާ އަކީ މައިމީހާކަން ހަނދުމަކޮށްދެއްވާ އެކަމަނާ ވަނީ، ޤައުމަށް އެކި ރޮނގުރޮނގުން ޚިދުމަތްކުރާ މީހުން ބިނާކުރުމުގައި މައިން ވާ ޤުރުބާނީ އާއި އަދާކުރާ ޒިންމާތަކާއި، ދޭ ލޯތްބާއި، ދައްކާ ނަމޫނާގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ. އަދި އަންހެނުން، ކޮންމެ ވާޖިބެއް އަދާކުރިކަމުގައިވިޔަސް، މައިވަންތަކަމުގެ ވާޖިބު ހަނދާނުގައި ބަހައްޓަންޖެހޭކަން ފާހަގަކުރައްވައި، އަންހެނުން އެކި ރޮނގުރޮނގުން ކުރިއަރައިދަނީ އެ ޒިންމާތަކާ އެކުގައިކަމަށް އެކަމަނާ ވިދާޅުވިއެވެ.
ބަދަލުވަމުން އަންނަ ގެވެށި، ފަންނީ އަދި އިޖުތިމާޢީ ޒިންމާތަކަށް އިޝާރާތްކުރައްވަމުން، އެކަމަނާ ވަނީ، ފަންނިއްޔާތަށް އަހުލުވެރިވުމާއި، ވިޔަފާރީގެ އާ ގޮތްތައް އީޖާދުކުރުމާއި، ސިޔާސީ ފުރުޞަތުތަކަށް ތައްޔާރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ތާރީޚުގެ ޞަފުޙާތަކަށް ހަވާލާދެއްވައި، ދިވެހި އަންހެނުންނަކީ، ޢިލްމީ، ވިސްނުންތެރި، ދުރުވިސްނޭ، އަބުރުވެރި، ހުޝިޔާރު އަދި ޤާބިލު ބައެއްކަން އެކަމަނާ ހަނދުމަފުޅުކޮށްދެއްވިއެވެ.
ރޭގެ ރަސްމިއްޔާތުންވެސް ސާބިތުވެގެންދިޔައީ ދިވެހި އަންހެނުންގެ ޤާބިލުކަމާއި، ހީވާގިކަމާއި، މުރާލިކަން އަދި ނަތީޖާ ހާސިލުކުރުމުގައި ވާ ޤުރުބާނީކަމަށް ވިދާޅުވެ އެކަމަނާ ވަނީ، އެކި ދާއިރާތަކުން ރެހެންދި އެވޯޑް ހާސިލުކުރެއްވި ފަރާތްތަކަށް ތަހުނިޔާ އާއި މުބާރަކުބާދީ ވިދާޅުވެފައެވެ.
މިދިޔަ އަހަރާއި މި އަހަރު ހިމަނައިގެން، 14 ބޭކަނބަލަކަށާއި އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާއަކަށް ރެހެންދި އެވޯޑު ލިބިފައިވެއެވެ. ރޭގެ ހަފުލާގައި އެފަރާތްތަކަށް އެވޯޑާއި ބްރޫޗް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ އެވެ.
ރެހެންދި އެވޯޑަކީ، ޤައުމީ ޚިދުމަތުގައި އެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކޮށް، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި، އަންހެނުންގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދެއްވާ ޚާއްސަ އެވޯޑެކެވެ.



