ޣައްޒާއަށް ޔަހޫދީ އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ އަދި ގަވާއިދާ ހިލާފު ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހުނު އެއް ބަޔަކީ އެ ޣައްޒާގެ ސްކޫލުތަކުގެ ދަރިވަރުންނެވެ.
ހަމަލާތަކުގެ ސަބަބުން އެ ސްކޫލުތައް ވަނީ ހަލާކުވެ، ބިމާ ހަމަވެފައެވެ. ތަޢުލީމު އުނގެނުން ވަނީ ހުއްޓިފައެވެ. ދަރިވަރުންގެ މައިންބަފައިން ނުވަތަ އާއިލާގެ އެހެން މެންބަރުން ވަނީ ޝަހީދުވެސް ވެފައެވެ.
ނަމަވެސް މިފަދަ ހިތްދަތިކަމާ ދަތި އުނދަގުލާއެކު ވެސް އެ ޤައުމުގެ ބައެއް ސްކޫލްތަކުން ވަނީ ދަރިވަރުންނަށް ކިޔަވާ ދީފައެވެ. ޚާއްސަކޮށް ހައިސްކޫލްތަކުން ވަނީ ރައްކާތެރިކަން ހޯދަން ހިޖުރަކޮށްފައިވާ ކޭމްޕުތަކުގައި ވެސް އެ ދަރިވަރުންނަށް ތައުލީމު ހާސިލު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިއަދު އެ ސްކޫލުތަކުގެ ދަރިވަރުން ވަނީ ދަސްވެނިވެސް ވެފައެވެ. ސްކޫލަކާ ނުލައި، އަދި ގިނަ ފަހަރަށް ކިޔަވައިދޭން އާންމުކޮށް އަންނަ ޓީޗަރުންނާ ވެސް ނުލައި، އެ ދަރިވަރުން ދަސްވެނިވުން ފާހަގަ ކޮށްފައިވަނީ ހިތްދަތިކަމާ އުފަލާ އެކުގައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ޔަހޫދީ އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 56،000 އަށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުމަށް ވަނީ ބުރޫއު އަރާފައެވެ.



