ގަވާއިދާ ޚިލާފަށް ”ވަގަށް“ އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލައިގައި ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.
މިއަަހަރުގެ އޭޕްރިލް މަހުގެ 26ވަނަ ދުވަހު ކަސްޓަމްސް އިން ހިފަހައްޓާފައިހުރި 2 ކޮންޓެއިނަރު ސިނގިރޭޓު، ހުޅުމާލޭގައި ހުންނަ އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަަށް ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުގައެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ވެސް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ބުނީ، މި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު 2025 ނޮވެމްބަރ 12 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުޙައްމަދު އަލަމިން މިއާ (36އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ޖުމުލަ 10 މީހަކު ހައްޔަރުކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން 8 މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އަނެއް 2 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް 2025 ނޮވެންބަރު 01 ވަނަ ދުވަހު ކޯޓަށް ހުށަހެޅުމުން، އެ ދުވަހުން ފެށިގެން 16 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ. އެ ދެ މީހުންނަކީ ޙުސައިން ސާމިޙު އާއި އަޙްމަދު ޝަހީމް އެވެ.



