ޖަލު ހެދުމުގައި ޝަރީއަތަށް ހާޒިރުކުރަން ދެކޮޅު ހަދާތީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުލަ ހެދުމުގައި މިއަދުގެ ޝަރީއަތަށް ހާޒިރުކޮށްފިއެވެ.
ފީފާއިން އެފްއޭއެމްއަށް ދިން ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ އެޕާޓްމަންޓެއް ގަނެ އެ ފައިސާ ލޯންޑާކުރި ކަމަށް ބުނާ މައްސަލާގައި މިއަދު ހެނދުނު 8:15ގައި އަޑުއެހުމެއް ބާއްވަން އޮތީ ތާވަލުކޮށްފައެވެ. ނަމަވެސް ޖަލު ހެދުމުގައި ބިޑިއަޅުވައިގެން ޝަރީއަތަށް ހާޒިރުވުމަށް ބައްސާމު ދެކޮޅު ހަދާތީ، އެ އަޑުއެހުން މިއަދު ފެށުނީ 11 ޖެހިއިރެވެ. އަދި އޭނާ ހާޒިރު ކޮށްފައިވަނީ ކުލަ ހެނދުމުގައި، ބިޑި އަޅުވައިގެންނެވެ.
ދައުލަތުގެ ހެކިންގެ ހެކިބަސް ނަގަން މިއަދު ތާވަލުކުރި އެ އަޑުއެހުމަށް އެ މައްސަލާގައި ދެން ހިމެނޭ މުހައްމަދު އަގީލް ހާޒިރުނުވާތީ އަޑުއެހުން ކުރިއަށް ނުގެންގޮސް ނިންމާލީ އެވެ.
މި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ނިންމެވީ އެ ހެކިބަސް ނެގުމަށް މާދަމާ އަޑުއެހުމެއް ބޭއްވުމަށެވެ.
މީގެއިތުރުން އެ އަޑުއެހުމަށް އަގީލު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ވެސް ގާޒީ މިސްބާހު އަމުރުކުރެއްވިއެވެ.
ބައްސާމުގެ ވަކީލުންނާ ބައްދަލުކުރަން ދަތިތައް ހުރިކަން ފާހަގަކުރާތީ ވަކީލު ބައްދަލުވުންތައް ފަހިކޮށްދެއްވުމަށް މޯލްޑިވްސް ކަރެކްޝަންސަށް ގާޒީ އެންގެވިއެވެ.



