އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓުގެ ބަހުސް މާދަމާ ނިންމާލަން ގަސްދުކުރައްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ބަހުސަށް ހުޅުވާލުމުގެ ކުރިން މަޖިލިސް ރައީސް ވަނީ 10:30 ގެ ކުރިން ބަޖެޓު ބަހުސްގައި ބައިވެރިވާން ބޭނުންވާ މެންބަރުން އެ ފުރުސަތަށް އެދި ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ބަހުސްގައި ބައިވެރިވުމަށް ހުށަހެޅުއްވީ މަދު މެންބަރުން ތަކެކެވެ.
އެގޮތުން 93 މެންބަރުން ހިމެނޭ މަޖިލީހެއްގައި މިހާތަނަށް ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ އެންމެ 23 މެންބަރުންނެވެ.
އާންމު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގައި ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަން މެންބަރުން އެތައް ވަގުތެއް ހޭދަކުރައްވައެވެ. ނަމަވެސް އަންނަ އަހަރުގެ ރިކޯޑު ބަޖެޓަށް ބަހުސްކުރުމަށް ފުރުސަތަށް އެދިވަޑައިގެންނެވި މެންބަރުންނާއި ބަޖެޓަށް ބަހުސްކުރެއްވި މެންބަރުންގެ އަދަދާއި ބަޖެޓަށް ބަހުސްކުރައްވަން ހޭދަކުރެއްވި ވަގުތު އެހެން އަހަރުތަކާ އަޅާ ބަލާއިރު ބޮޑު ތަނުން މަދުކަން ފާހަގަ ކުރެވެއެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ، ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް އަންނަ ބުދަ ދުވަހަށް ނިންމާލުމަށް ނިންމައިފައެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ވަނީ، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމުލަ 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.9 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 39.9 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ހިންގުމުގެ ޚަރަދަށެވެ. އެއީ ޖުމުލަ ބަޖެޓުގެ 62 އިންސައްތައެވެ.
ދައުލަތުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ.



