އދ. މާމިގިލީގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ އދ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ”އިމުގާ“ މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު ”ކަލެކްޝަން ޕޮއިންޓް“ގެ ގޮތުގައި މަހިބަދޫ ނުވަތަ މާމިގިލި ޚިޔާރުކުރެވޭނެ ކަމަށެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ނަމަވެސް މި މަހުގެ ނިޔަލަށް މި ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މުޅި ރާއްޖޭގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކުރުމުގެ އިތުރުން ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ.
އެ މަނިކުފާނުގެ މި ސިޔާސަތުގެ ދަށުން އެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް ފެށީ މިދިޔަ ނޮވެންބަރު މަހުގެ 16ވަނަ ދުވަހު އެވެ.



