ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ސޯޝަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ”އެކްސް“ ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
މިކަން ހާމަކުރައްވައި ކުރެއްވި ޕޯސްޓުގައި ރައީސް މުޢިއްޒު ވަނީ، ބީ.އެމް.އެލް.އިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ، ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް އެ ބޭންކާއެކު މަޝްވަރާ ކުރެވިފައިވާކަން ހާމަކުރައްވާފައެވެ.
ރައީސްގެ ޕޯސްޓުގައި، ހިޔާ ފްލެޓްތަކުގެ ފިނިޝިންގ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 12 އިންސައްތައިން 10 އިންސައްތައަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމުގެ އިތުރުން، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 9 އިންސައްތައިން 8 އިންސައްތައަށް ކުޑަ ކުރުން، އަދި މިއީ ކުރެވިދާނެކަމެއް ކަމަށް ބީ.އެމް.އެލް އިން މައުލޫމާތު ދީފައިވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއާއެކު، އުސޫލުގެ ތެރެއިން މިކަންތައް ކޮށްދެއްވުމަށް ދަންނަވާފައިވާނެކަމަށް ވެސް ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައި ވެއެވެ.




