ރައްޔިތުންގެ މަޖިލީސް މެންބަރަން އެ މެންބަރުން މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ އެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މި އިސްލާހު ހުށަހަޅާފައި ވަނީ ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.
އެ އިސްލާހު ހުށަހަޅާފައި ވަނީ މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ މިދިޔަ އަހަރު އިސްލާހުކޮށްފައިވާތީއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.
އެގޮތުން އިސްލާހުގައި ބުނީ، މަޖިލިސް މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކަމުން ވަކިކުރެވޭނީ، އެ މެމްބަރަކު ތަމްސީލު ކުރާ ދާއިރާގެ ރައްޔިތުންގެ މެދުގައި ނެގޭ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.
އަދި އެ ވޯޓުގެ ނަތީޖާއިން އެ މެމްބަރަކު މެމްބަރުކަމުން ވަކިކުރުމަށް އަގުލަބިއްޔަތު ލިބިއްޖެނަމަ ޕާޓީން ވަކިކުރެވޭނެ ކަމަށްވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޕާޓީ ބަދަލުކުރުމުން މެންބަރުކަމުން ވަކިކުރަން ދާއިރާގެ މެމްބަރުންގެ އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެހާތަނުން ދެން އެ މެމްބަރަކު މަޖިލީހުގައި ދެމިހުންނަވާނީ، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ، މިނިވަން މެމްބަރެއްގެ ގޮތުގައި ކަމަށް ވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.




