ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް، އެމްޑީޕީގެ އެއްވުމުގައި ދެއްކި ވާހަކަތަކުން ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާ ކަމަށް ކަނޑައަޅައި އެ ވާހަކަތަކަށް އެމްޑީޕީންނާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ޒިންމާވާންޖެހޭނެ ކަމަށް ފެމިލީ ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
އެ ކޯޓުން މިއަދު ކަނޑައަޅާފައިވަނީ އެ އަމަލަކީ ފައްޔާޒާއި އެމްޑީޕީން ޒިންމާވާން ޖެހޭނެ ކަމެއް ކަމަށާއި އެކަމުގެ ބަދަލު ހޯދަން ވެސް ހުށަހެޅޭނެ ކަމަށެވެ.
އެމްޑީޕީން މާލޭގައި ބާއްވަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިއަހަރުގެ މާރިޗް މަހުގެ 13 ވަނަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ވަނީ، ދިވެހިރާއްޖޭގައި ވޭޕްކުރުން ރައީސުލްޖުމްހޫރިއްޔާ މަނާ ކުރެއްވީ އެމަނިކުފާނުގެ ދަރިކަލުން އުމައިރު އެކަން ކުރަން ފެށުމުންކަމަށް ބުނެ ތުހުމަތު ކޮށްފައެވެ. އަދި ފައްޔާޒު ވަނީ މަންދީގެ އެވާހަކަތައް ދިފާއުވެސް ކުރައްވާފައެވެ.
މަންދީގެ އެވާހަކަތަށް ކުށްވެރިކުރައްވާ ރައީސްގެ އާއިލާގެ ފަރާތްޕުޅުން މިދިޔަ މާރިޗް މަހުގެ 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެޑަމް ސާޖިދާގެ ފަރާތްޕުޅުން ޤާނޫނީ ވަކީލު އާޒިމާ ޝަކޫރުވަނީ ބަޔާނެއް އިއްވަވާ ދެއްވާފައެވެ.
އެ ބަޔާނުގައި މެޑަމް ސާޖިދާ ވިދާޅުވެފައިވަނީ އުމައިރަކީ ދުވަހަކުވެސް ވޭޕް ބޭނުންކުރި ކުއްޖެއް ނޫން ކަމަށާއި ދުންފަތުގެ އިސްތިއުމާލުވެސް ކުރި ކުއްޖެއް ނޫން ކަމުގައެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކާ ގުޅޭގޮތުން އެފަދަ ހަގީގަތެއްނެތް ވާހަކަ ފަތުރާފައިވާތީ މަންދީއާއި އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ މައްޗަށް މަދަނީ ޝަރީޢަތް ހިންގުމަށް މިހަފްތާ ތެރޭގައި ދައުވާ ކުރައްވާނެކަމަށް އެ ބަޔާނުގައި މެޑަމް ސާޖިދާ ވަނީ ހާމަކުރައްވާފައެވެ.
ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ، ރައީސްގެ ދަރިކަލުން އުމައިރުގެ ސަބަބުން ކަމަށް ބުނެ އެމްޑީޕީ މުޒާހަރާއެއްގެ ތެރޭގައި ދެއްކި ވާހަކަތަކަކާއި ގުޅިގެން މަދަނީ ދައުވާތަކެއްގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަރުމުގެ ގާނޫނުގެ ދަށުން ފެމިލީ ކޯޓަށް ވެސް މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.
ސިވިލް ކޯޓަށް ހުށަހެޅި މަދަނީ ދައުވާގައި އެ ކޯޓުން ވެސް ނިންމާފައި އޮތީ މަންދީގެ ތުހުމަތުތަކުން، އުމެއިރުގެ އަބުރު ރައްކާތެރިވުމުގެ ހައްގު ނިގުޅައިގަނެފައިވާކަން ސާބިތުވާތީ އޭނާގެ ކިބައިން ބަދަލު ހޯދުމަށް ދައުވާކުރެވިދާނެ ކަމަށެވެ. އެކަމަކު އެކަމުގެ ޒިންމާ މަތިކޮށް، ފައްޔާޒާއި އެމްޑީޕީގެ ކިބައިން ބަދަލު ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ.
ފައްޔާޒާއި އެމްޑީޕީގެ މައްޗަށް ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި މިއަދު ނިންމާފައިވަނީ މަންދީއާއި އަހުމަދު ސަލީމް ދެއްކި ވާހަކަތަކަށް އެމްޑީޕީން ޒިންމާވާންޖެހޭނެ ކަމަށާއި އެ ދެމީހުން ދެއްކި ވާހަކަތަކަށް އެމްޑީޕީން ޒިންމާވާންޖެހޭނެ ކަމަށެވެ.
މީގެއިތުރުން ގެއްލުމުގެ ބަދަލު ހޯދުމަށް ފައްޔާޒާއި އެމްޑީޕީގެ މައްޗަށް ވެސް ދައުވާކުރެވޭނެ ކަމަށް ކޯޓުން ނިންމާފައިވެއެވެ.


