ދުބާއީ އަދި ތައިލެންޑަށް އެއަރ އެމްބިއުލާންސްގެ ދަތުރުތައް ފެށުމަށްޓަކައި މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މިކަމަށްޓަކައި މީރުމާ ހޯލްގައި މިއަދު ބޭއްވި އިވެންޓެއްގައެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހެލްތު މިނިސްޓްރީއާއި، އައިލެންޑް އޭވިއޭޝަން އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ދެމެދުގައެވެ.
އެގޮތުން މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަޙްމަދު ހަމްދާން ނާސިރެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒު އެވެ. އަދި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒަކެޓިވް އޮފިސަރު (ސީއީއޯ) ހީނާ ވަލީދެވެ.
އެއާ އެމްބިލަންސްގެ ހިދުމަތަކީ ރައީސް ޑރ. މުއިއްޒުގެ، ރިޔާސީ ވައުދުތަކުގެ ތެރެއިން ސަރުކާރުގެ ހަފްތާ14ގައި ހިމަނާފައިވާ ހިދުމަތެކެވެ.
މިގޮތުން 1 މާރިޗް 2024ން ފެށިގެން ރާއްޖޭގައި އަންނަނީ އެ ހިދުމަތް ދެމުންނެވެ.
ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި އެއަރ އެމްބިއުލާންސް ފެށިފަހުން މިހާތަނަށް، 1840 ބަލިމީހުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ސިއްހީ ކުއްލި އެހީ ބޭނުންވާ ހާލަތްތަކުގައި، ފަރުވާ ދިނުމަށް، މާލެ ސަރަހައްދަށް ވަނީ ގެނެސްފައެވެ.



