މާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާ ކޮންޓެއިނާ ސްކޭނަރު ގަތުމަށް 51 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކަސްޓަމްސްއިން މިއަދު ބުނެފިއެވެ.
ގަވާއިދާ ހިލާފަށް އެކި ބާވަތްތަކުގެ މުދާ، ވިޔަފާރި ބަނދަރު މެދުވެރިކޮށް އެތެރެކުރާ މައްސަލައާއި ކޮންޓެއިނަރުތަކުގައި ސްކޭނަރެއް ނެތުމުގެ ކަންބޮޑުވުން މީގެ ކުރިންވެސް ކަސްޓްމްސް އިން ވަނީ ފާޅުކޮށްފައެވެ.
އެގޮތުން ރާއްޖެއަށް ވަގަށް އެތެރެކޮށް، އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓު ގެއްލުނު މައްސައެއް ވެސް މި ފަހުން ވަނީ ފެންމަތިވެފައެވެ.
ކޮންޓެއިނާ ސްކޭނަރެއް ހޯދުމުގެ ކަންކަން މިހާރު ގޮސްފައިވާ ހިސާބު ދެނެގަތުމަށްޓަކައި ބަޖެޓު ދިރާސާކުރާ ކޮމިޓީއިން މިއަދު ކަސްޓަމްސް އާއި އެމްޕީއެލްއާ އެކު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ.
އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އެ ސްކޭނަރު ގަތުމަށްޓަކައި 15 މިލިއަން ރުފިޔާ ހަމަޖައްސައިދޭން މިއަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ނިންމިކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
ކަސްޓަމްސްގެ ބަޖެޓު ކަންކަން ބެލެހެއްޓުމުގައި އިސްކޮށް އުޅުއްވާ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ އަލީ ވިދާޅުވީ އެކަމާ ގުޅޭގޮތުން މިއަހަރުގެ މާޗު އަދި މެއި މަހުގެ ތެރޭގައި ކަސްޓަމްސް އާއި ފިނޭންސާ ދެމެދު ސިޓީ ބަދަލުކޮށްފައިވާނެ ކަމަށެވެ. އެ ސިޓީތަކުގައި އެކަމަށް ބޭނުންވާ ފައިސާގެ އަދަދު ވެސް ހިއްސާކޮށްފައިވާއިރު، އޭނާ ވިދާޅުވީ 30 ސެޕްޓެމްބަރުގައި ބޭއްވި ބައްދަލުވުމެއްގައި 15 މިލިއަން ރުފިޔާގެ ވާހަކަ ފިނޭންސުން ބުނި ކަމަށެވެ.
”ނަމަވެސް، މުޅި ޕްރޮސެސްގައި ޖުމްލަ ހަރަދަކަށް އެބަ އަރާ ގާތްގަނޑަކަށް 51 މިލިއަން ރުފިޔާ. އެއީ ގާތްގަނޑަކަށް މި އެކްސްރޭ މެޝިންގެ އަގު،“ އަބްދުﷲ ވިދާޅުވި އެވެ.




